ގައުމީ ޓީމުތަކަށް ހިތްވަރު ދިނުމަށް ބޭއްވި މޯޓިވޭޝަނަލް ސެޝަނުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް ނިއުސް

ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން މޯޓިވޭޝަނަލް ސެޝަނެއް

ގައުމީ ޓީމުތަކަށް ހިތްވަރު ދިނުމުގެ ގޮތުން މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. އެފްއޭއެމްއިން އިންތިޒާކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ބާއްވާފަވަނީ އެމްއެންޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.

ތަޖުރިބާކާރު މޯޓިވޭޝަނަލް ސްޕީކަރ ހުސައިން އަފީފް ކުރިއަށް ގެންދެވި މި ސެޝަނުގައި ބައިވެރިވެފައި ވަނީ ގައުމީ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމާއި ފުޓްސަލް ޓީމެވެ. މިފަދަ ސެޝަނެއްގެ ބޭނުމަކީ ކުޅުންތެރިންނަށް ހިތްވަރުދީ ނަފްސާނީގޮތުން ކުޅުންތެރިން ތައްޔާރުކުރުމެވެ.

މި ސެޝަނާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު ވިދާޅުވީ މިފަދަ ސެޝަނެއް ބޭއްވުމުގެ މަގްސަދަކީ ކުޅުންތެރިންގެ މައިންޑްސެޓް ރަނގަޅުކުރުންކަމަށެވެ. ކުޅުންތެރިން ކުރިއެރުވުމަށް ފިޒިކަލް އަދި ޓެކްޓިކަލް ޓްރޭނިންތައް ދެވުނު ނަމަވެސް ނަފްސާނީ ދުޅަހެޔޮކަން ނެތި ކާމިޔާބީއަށް ވާސިލުވުމަށް ދަތިވާނެކަން ޒަރީރު ފާހަގަކުރެއްވިއެވެ.

މި ސެޝަނަކީ ކުޅުންތެރިންގެ ވިސްނުމާއި ފިކުރަށް އަންނަ އުނދަގޫތަކާއި ދުރުކޮށް ޕޮޒިޓިވް މައިންޑްސެޓަކަށް ތައްޔާރުކުރުމަށް ބޭއްވުނު ސެޝަނެއްކަމަށް އޭނާ ވަނީ ހާމަކުރައްވާފައެވެ. މިއީ އެފްްއޭގެ ރައީސްގެ ޚާއްސަ އިސްނެއްގެވުމުގެ މަތިން ކުރިއަށް ގެންދެވުނު މުހިންމު ސެޝަނެއްކަމަށް ޒަރީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހިތަށް އެރީ ވަރަށް ބައިވަރު ޓްރޭނިންތައް އެބަ ދެވެޔޭ ޓީމަށް، ފިޒިކަލީވެސް ޓެކްޓިކަލީވެސް ޓްރޭނިން އެބަދެވޭ ދަނޑުގަ. އެކަމަކު ބައެއް ފަހަރު މުބާރާތްތަކަށްދާއިރު ކުޅުންތެރިންގެ ވިސްނުމާއި ފިކުރާ މިއެއްޗިއްސަކީވެސް ވަރަށް ބޮޑު އެއްޗެއް. ރަނގަޅު މައިންޑްސެޓެއްގަ މަސައްކަތްކޮށްގެން ކާމިޔާބު މި ލިބެނީ" ޒަރީރު ވިދާޅުވިއެވެ.

ގައުމީ ޓީމުތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި މޯޓިވޭޝަނަލް ސެޝަނުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް ނިއުސް

ޒަރީރު ވިދާޅުވީ މިފަދަ ސެޝަންތަކުގެ ސަބަބުން ގައުމީ ޓީމުގެ ކުޅުންތެރިން ބައިނަލްއަގްވާމީ ފެންވަރުގައި ގައުމު ތަމްސީލުކުރާއިރު، ކުޅުންތެރިންގެ ވިސްނުން، ކާމިޔާބަށް މަސައްކަތްކުރުމަށް ބައްޓަންކުރުމުގައި އެހީއަކަށް ވެގެންދާނެކަމަށެވެ.

"މީގެ އެންމެ ބޮޑު ބޭނުމަކީ ކުޅުންތެރިން މުބާރާތްތަކަށް ދާއިރު، ރާއްޖެ ރެޕްރެޒެންޓުކުރާއިރު ކުޅުންތެރިންގެ ވިސްނުމާއި ފިކުރާއި އެކުޅުންތެރިން މެޗަށް ރެޑީވާއިރުވެސް ކުޅުންތެރިންގެ ކާމިޔާބު ހޯދަން ބައްޓަންކުރުން" ޒަރީރު ވިދާޅުވިއެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓީމުން ތައްޔާރުވަމުން އަންނައިރު މުބާރާތުގެ ކުރިން ޗައިނާގައި ކޭމްޕްކުރުމަށް ގައުމީ ފިރިހެން ފުޓްސަލް ޓީމު މާދަމާ ފުރާނެއެވެ. މިމުބާރާތް ކުރިއަށްދާނީ އަންނަ ޖެނުއަރީ މަހުގެ 14 އިން 26 އަށް ބެންކޮކްގެ ނޮންތުބުރި ސްޓޭޑިއަމްގައެވެ.

ޚަބަރުގެ ހުލާސާ

ގައުމީ ޓީމުތަކަށް ހިތްވަރު ދިނުމުގެ ގޮތުން މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. އެފްއޭއެމްއިން އިންތިޒާކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ބާއްވާފަވަނީ އެމްއެންޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.
އައިމިނަތު ރިޔާޒު
   1 month ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު