ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޗިންހުއާ / ފޮޓޯ: ރައީސް އޮފީސް
ސިނަމާލެ ބުރިޖަކީ މުޖުތަމަޢުގެ ކުރިއެރުމަށް އިންޖިނޭރުންގެ މުހިންމުކަން ރަމްޒުކޮށްދޭ ބިނާއެއްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެެވެ.
މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސަފީރު މިހެން ވިދާޅުވީ ސިނަމާލެ ބުރިޖު އިފްތިތާޙުކުރި ދުވަސްކަމުގައިވާ އޮގަސްޓް މަހުގެ 30ވަނަ ދުވަހަކީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެންނެވެ.
ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއާއި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ކުޅަދާނަ މަސައްކަތުން ބިނާކުރި ސިނަމާލެ ބުރިޖު، ދިވެހިންގެ ދިރިއުޅުމާއި ރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށެވެ. އެހެންކަމުން އިންޖިނޭރުންނަކީ ދިރިއުޅުމާއި މުޖުތަމަޢުގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ޙައްޤު އިހްތިރާމާއި ޤަދަރު އިންޖިނޭރުންނަށް ލިބެންޖެހޭކަން ސަފީރު ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 30ވަނަ ދުވަހަކީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސެވީ އާދިއްދަ ދުވަހުއެވެ. މި ދުވަސް ނިސްބަތްކޮށްފައިވަނީ ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަށެވެ. ސިނަމާލެ ބްރިޖު އިފްތިތާހު ކުރީ 30 އޮގަސްޓު 2018ގައެވެ.
ސިނަމާލެ ބުރިޖު އެޅުމުގެ ޢަމަލީ މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. ބުރިޖުގެ މަސައްކަތް ނިމުނީ 3 އަހަރާއި 11 މަސް ދުވަހުންނެވެ.
ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ މި ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުރެއެވެ. އަދި ބްރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ 2 ލޭނާއި، ސައިކަލް ދުއްވަން ޚާއްޞަ ދެ ލޭނެއް އޮވެއެވެ.
ޚަބަރުގެ ހުލާސާ