ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި މާލީ ކަންކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމޫހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުތަކާއެކު ރާއްޖޭގެ ދަރަނިތައް ދެއްކޭނެ ކަމުގެ ޔަޤީންކަން އިންވެސްޓަރުންނަށް މިހާރު ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިއީ ދެ އަހަރު ދުވަހުގެ ތެރޭގައި އެމަނިކުފާނު ކުރެއްވި އިޙްލާސްތެރި މަސައްކަތުގެ ނަތީޖާ ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ)ގެ ސުކޫކެއް ވިއްކާފައިވަނީ 2021ވަނަ އަހަރުގެ ތެރޭގައެވެ. މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕޭމަންޓަކަށް ބަހާލައިގެން ފަހަރަކު 25 މިލިޔަން ޑޮލަރުގެ މަގުން ޖުމްލަ 50 މިލިޔަން ޑޮލަރު ދައްކަންޖެހެއެވެ. މިއަހަރު އެޕްރީލް މަހު ސުކޫކުގެ މުއްދަތު ހަމަ ސުކޫކް އަނބުރާ ދެއްކުމަށް އެއްފަހަރާ 9.3 ބިލިޔަން ރުފިޔާ ޚަރަދު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.
އަދުގެ ސަރުކާރު ވެރިކަމާޢި ހަވާލުވިއިރު އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަ އަކީ ރާއްޖޭގެ ބަނގޫރުޓުވާން އުޅޭ ކަމުގެ ވާހަކައެވެ. ސުކޫކާއި އެހެނިހެން ދަރަނިތައް ނުދެއްކޭނެ ކަމަށް ބުނެ މާލީ އިދާރާތަކުގެ ރިޕޯޓުގައި އެކަން ދިޔައީ ހިމަނަމުންނެވެ. ހއ. ދިއްދޫ އެއަރޕޯޓު ތަރައްޤީކުރަން ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު މިކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ، މިދިޔަ ދެ އަހަރު ތެރޭވެސް އެކި ފަރާތްތަކުން ބަނގުރޫޓޫ ވާނެ ކަމަށް ބުނަމުން ދިޔަ ކަމަށެވެ.

މާލީ ކަންކަމާއި ބެހޭ ވުޒާރާ / ފޮޓޯ: ޕީއެސްއެމް ނިއުސް
ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނަމުން ދިއުމާއެކު ރާއްޖޭގެ ސުކޫކުގެ އަގުވެސް ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައިވެއެވެ. މާލީ ވުޒާރައިން ހާމަކޮށްފައިވާ ގޮތުގައި 2024ވަނަ އަހަރު އެޕްރީލް މަހުގެ ކުރީކޮޅު ސުކޫކުގެ އަގު ހުރީ ޑޮލަރަކަށް 67.4 ސެންޓުގައެވެ. ނަމަވެސް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ދައްކަންޖެހޭ ދަރަނިތައް އެއްވެސް ލަސްވުމެއް ނެތި ދައްކަމުން ދިއުމުން ސުކޫކުގެ އަގު މައްޗަށް ޖެހިފައިވެއެވެ. މާލީ ވަޒީރު ވަނީ މިހާރު ސުކޫކުގެ އަގަށް ބެލިނަމަވެސް އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ރާއްޖެއަށް ލިބިފައިވާކަން އެނގޭ ކަމަށެވެ.
ރާއްޖޭގެ ސުކޫކުގެ އަގު އުފުލިފައިވާކަން ވަޒީރު ފާހަގަކުރައްވާފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހަށް ފަހު ރާއްޖޭގެ ސުކޫކު 90 އަށް އަރާ މިވަރުގައި މިހާރު ހިފެހެއްޓިފައިވެއެވެ.
ރާއްޖެއިން ސުކޫކު އަނބުރާ ދެއްކުމަށް ބަޖެޓުގައި ހިމަނާ، އެކަމަށް ދަނީ ތައްޔާރުވަމުންނެވެ. މާލީ ވަޒީރު ވިދާޅުވީ ސުކޫކަށް ފައިދާ މިދިޔަ އަހަރު ބަޖެޓު ހުށަހެޅިއިރު ވިދާޅުވި ގޮތަށް ފައިސާ މިހާރު އެއްކުރަމުންދާ ކަމަށެވެ. އަދި އެޕްރީލް މަހުގެ ތެރޭ ސުކޫކު ދެއްކޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ވަޒީރު ތަކުރާރުކުރެއްވިއެވެ.
ޚަބަރުގެ ހުލާސާ