ގުޅިފަޅުން ދޫކުރާ ގޯތިތައް ވެރިފަރާތުން ބަލަނީ. ފޮޓޯ: އަލީ ނަޞީރު/ ޕީއެސްއެމް ނިއުސް
ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް އައު ރަޖިސްޓްރީއެއް ހަދައިދީ، ގުޅިފަޅުން ގޯތި ލިބުނު މީހުންނަށްވެސް އެގްރީމަންޓުގައި ސޮއި ކުރުމަށް އަނެއްކާވެސް އިތުރު ފުރުޞަތެއް ދީފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު އެ ސަރަހައްދުން ދޫކުރި ގޯތިތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނަގާފައިވާ ކަމަށެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިގެނައި ބަދަލާއިއެކު ކުރިން ދޫކުރި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާތިލުކޮށް، އައު ރަޖިސްޓްރީއެއް ދޫކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިހާތަނަށް ރަޖިސްޓަރީ ހަވާލުނުކުރާ މީހުންނަށް ރަޖިސްޓަރީ ޙަވާލުކުރުމާއި، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ ވުޒާރާއިން ވަނީ، އަންނަ މާރިޗުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާ ޙަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ އިތުރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން މިއަދާ ހަމައަށް އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓަރީއާ ޙަވާލުވެފައިނުވާ މީހުންނަށްވެސް އިތުރު ފުރުޞަތެއް ދޭ ގޮތަށްވަނީ ނިންމާފައެވެ. އެމީހުންނަށްވެސް މާރިޗުމަހުގެ 15ގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓުމަންޓަށް އެދެވޭނެއެވެ. މީގެ ކުރިންވެސް އެ ވުޒާރާއިން ވަނީ، ގުޅިފަޅުން ގޯތި ލިބުނު މީހުން އެގްރިމެންޓުގައި ސޮއިކުރުމަށް ފުރުޞަތު ދީފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން 3548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކަށް މިހާރު ވަނީ ގޯތި ޙަވާލުކޮށްފައެވެ. އަދި ހުޅުމާލެ 3 ވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތި ދޫކުރުމަށް ވަނީ ގުރުއަތު ނަގާފައެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހިންވެސް ގޯތި ދޫކުރުމަށް މިހާރު ވަނީ 3 ވަނަ ފިޔަވަހި ހިއްކާ ނިންމާފައެވެ.
މި ސަރުކާރުން ޙަވާލުވެ ގުޅިފަޅުގެ މާސްޓަރ ޕްލޭނަށް ބަދަލު ގެނެސް އަލުން އެކުލަވާލީ، 2024ވަނަ އަހަރުއެވެ. އަދި މި މާސްޓަރ ޕްލޭނާ އެއްގޮތަށް، ގުޅިފަޅަށް ބޭނުންވާ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކޮށް، މަގު ހަދަން ޗައިނާ ކުންފުންޏަކާ ޙަވާލުކުރީ 2025ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އަދި މިހާރު ވަނީ، މަސައްކަތްތައް އަވަސް ކުރުމަށް ގުޅިފަޅުގެ ޔުޓިލިޓީ ބައެއް މަސައްކަތްތައް އެމްޓީސީސީއާއި އާރްޑީސީއާއި ޙަވާލުކުރުމަށް ނިންމާފައެވެ.
ޚަބަރުގެ ހުލާސާ