އާސަންދަ އޮފީހުގެ ރިސެޕްޝަން ސަރަޙައްދު--

ވަކި ޕާޓީއަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެއްނުވާނެ: އާސަންދަ

ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި ނުވާނެކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މިހެން ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރުން ބޭނުންވާ ފަރާތްތަކަށް އާސަންދަ ހަމަޖައްސައިދޭން ޚާއްސަ ޑެސްކެއް ޤާއިމުކޮށްފައިވާކަމަށް އޮންލައިން ނޫހަކުން ރިޕޯޓުކުރުމާ ގުޅިގެން އެކަން ދޮގުކުރައްވަމުންނެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އާސަންދައިން ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރުން ބޭނުންވާ ފަރާތްތަކަށް އާސަންދަ ހަމަޖައްސައިދޭން ޚާއްސަ ޑެސްކެއް ޤާއިމުކޮށްފައިވާކަމަށް ބުނެ ރިޕޯޓުކޮށްފައިވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި މި ފަދަ އެއްވެސް ޑެސްކެއް ޤާއިމުކޮށްފައިނުވާނެކަމަށް އާސަންދަ ކުންފުނިން ވިދާޅުވިއެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ، ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ.

އާސަންދަ ނިޒާމު އިތުރަށް ހަރުދަނާކޮށް ގެންނަންޖެހޭ އިސްލާޙީ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އާސަންދައިން ބޭސް ހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި، އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށް ނިޒާމަށްގެންނަންޖެހޭ ބަދަލުތައް، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ކަނޑައަޅުއްވައިފިއެވެ. މިގޮތުން މައިގަނޑު 11 ކަމެއް ކުރުމަށް ވަނީ ނިންމަވާފައެވެ.

މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގައި ޕްރެސްކްރައިބް ކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ.