މޯލްޑިވްސް އިމިގްރޭޝަނުން ހިންދަމުންދާ އޮޕަރޭޝަނުގެ ތެރެއިން--
މާލޭގެ ގެއެއް ބަލާ ފާސްކޮށް ގަވައިދާ ޚިލާފަށް އުޅުނު 32 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެދަށް ގެންގޮސްފިއެވެ. މިއީ އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކައި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕްރޭޝައެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މޯލްޑިވްސް އިމިގްރޭޝަން ވޮޗައް ހުށައެޅި ރިޕޯޓްގައި ވަނީ މއ. ހިތިލާގެ 2އަކުން އާންމުގޮތެއްގައި ގަނޑުކުރި މަސް، ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވައްތައް ސަޕްލައި ކުރާކަމަށެވެ. އަދި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރުވެސް މި އިމާރާތައް ގެންދާކަމަށާއި މެންދުރު ކާގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވާރކުރަން އެ އިމާރާތުން މީހުން ނިކުންނަ މަންޒަރާއި ޑެލިވަރީ ކުރަން ބޭނުންކުރާ ސައިކަލުތައް އެތަނުގައި ހުންނަކަމަށް އިމިްރޭޝަން ވޮޗަށް ހުށައެޅި ރިޕޯޓުގައިވެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އެތަނަކީ ގިނަ ބަޔަކަށް ކައްކާތަނެއްގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް ދިރިއުޅެމުން ދާތަނެއްކަމަށެވެ. އެގޮތުން ޑެގު އަޅައިގެން ހަދާފައިވާ 4 ފަންގިފިލާގެ އެ އިމާރާތުގައި 76 ބިދޭސީން ދިރިއުޅެމުންދިޔައެވެ.
މީގެ ތެރޭގައި ސައްހަ ވިސާނެތި އުޅެމުންދިޔަ މީހުންނާއި، ވަޒީފާދިން ފަރާތަށް ފިލާގެން އުޅެމުންދިޔަ މީހުން ހިމެނޭހެން 32 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ހަރުދަނާ އަދި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ޚާއްޞަ އޮޕަރޭޝަންތަކެއްވެސް ދަނީ ހިންގަމުންނެވެ.
ޚަބަރުގެ ހުލާސާ