ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތު---

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ނިހާޔަތު އެކަނި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތު ކުރިމަތިލައްވައިފިއެވެ.

ހަތް ފަނޑިޔާރުންތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރެއްގެ މަޤާމު ހުސްވީ، ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއްސުޢޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު މިއަދު ހެނދުނު 11:00އަށް ހަމަވީއިރު އެ މަޤާމަށް ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ.

ނިހާޔަތު މީގެ ކުރިންވަނީ ސިވިލް ކޯޓުގެ ޤާޟީކަން ކުރައްވާފައެވެ. އަދި އޭގެފަހުން ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެތެރޭގައި ޢުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުންވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި، އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން، ޖޭއެސްސީއަށް އަންގާފައިވުމާއި ގުޅިގެން ފަނޑިޔާރު އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒް މިވަގުތު ހުންނެވީ ސަސްޕެންޑްކޮށްފައެވެ.

ޚަބަރުގެ ހުލާސާ

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތު ކުރިމަތިލައްވައިފިއެވެ. ހަތް ފަނޑިޔާރުންތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރެއްގެ މަޤާމު ހުސްވީ، ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއްސުޢޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
   9 months ago
{{main_post.elapsed_time}} {{main_post.time_type}}

އެންމެ މަގުބޫލު