ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ޚާރިޖީ ވުޒާރާ
ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ 10 ވަނަ ރައިސީނާ ޑައިލޮގްގެ ޙަވާސާގެ ތެރެއިންނެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރުއާއެކު ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުންނާއި، ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ހަމައެހެންމެ އިންޑިއާގެ އެހީގައި ރާއްޖޭގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާ، ތަރައްޤީގެ ރޮނގުން އިތުރަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް އިންޑިއާއަށް ވަޑައިގަތީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މިއަހަރުގެ ރައިސީނާ ޑައިލޮގް އިފްތިތާހުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މި ހަފްލާގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ފޯރަމް މިމަހުގެ 19 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ޚަބަރުގެ ހުލާސާ