ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ފަޞީހް----
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ފަޞީހް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް، ރިޓަޔަރޑް އަޙްމަދު ފަޞީޙް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރގެ ފެންވަރުގައެވެ
އިމިގްރޭޝަން ކޮނޓްރޯލަރގެ މަޤާމަށް ފަޞީޙް އައްޔަންކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަޙީދު ވަކިކުރެއްވުމަށްފަހުއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް، ރިޓަޔަރޑް އަޙްމަދު ފަޞީޙް އަކީ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފް.ބީ.އައި ނޭޝަނަލް އެކަޑަމީއިން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ގްރެޖުއޭޓެކެވެ. އަދި އޭނާ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ޕޮލިސް ބޯޑުގައިވެސް މަސައްކަތްކުރައްވާފައެވެ.
ޝަމްޢާން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައި މިވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކަަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބުރާސްފަތިދުވަހުގެރޭ ގެއެއް ބަލާފާސްކޮށް، 3 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިކަމަަށެވެ.
ތަހުގީގުކުރިއަަށްދިޔަ މިންވަރަކުން މައުލޫމާތު ހާމަކުރަމުންދާނޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ޚަބަރުގެ ހުލާސާ